Al-Muzzammil

Change Language
Change Surah
Change Recitation

Divehi: Office of the President of Maldives

Play All
# Translation Ayah
1 އޭ ފޭރާންތައް (ގައިކޮޅުގައި) އޮޅުއްވައިގެން އޮންނެވި ކަލޭގެފާނެވެ! يَا أَيُّهَا الْمُزَّمِّلُ
2 ރޭގަނޑުގެ އަޅުކަން ކުރެއްވުމަށް ތެދުވެވަޑައިގަންނަވާށެވެ! ވަރަށްކުޑަ ވަގުތުކޮޅަކަށް މެނުވީއެވެ. قُمِ اللَّيْلَ إِلَّا قَلِيلًا
3 އެ ރޭގަނޑުގެ ދެބައިކުޅަ އެއްބައިގައެވެ. ނުވަތަ އެޔަށްވުރެ ކުޑަތަންކޮޅެއް އުނިކޮށްލައްވާށެވެ! نِصْفَهُ أَوِ انقُصْ مِنْهُ قَلِيلًا
4 ނުވަތަ އެޔަށްވުރެ އިތުރުކޮށްލައްވާށެވެ! އަދި ލަސްލަހުން قرآن ކިޔަވައި ވިދާޅުވާށެވެ! أَوْ زِدْ عَلَيْهِ وَرَتِّلِ الْقُرْآنَ تَرْتِيلًا
5 ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނުގެ މައްޗަށް ބަރުދަންހުރި ބަހެއް ބާވައިލައްވާހުށީމެވެ. إِنَّا سَنُلْقِي عَلَيْكَ قَوْلًا ثَقِيلًا
6 ހަމަކަށަވަރުން، ނިދުމަށްފަހު، ރޭއަޅުކަންކުރުމަށް ތެދުވުން ބުރަކަން ބޮޑެވެ. އަދި ބަސްތައް (އެބަހީ: ނަމާދުގެ ތެރޭގައި ކިޔަވާ ކިޔެވުންތައް) ސީދާކަން ބޮޑެވެ. إِنَّ نَاشِئَةَ اللَّيْلِ هِيَ أَشَدُّ وَطْءًا وَأَقْوَمُ قِيلًا
7 ހަމަކަށަވަރުން، ކަލޭގެފާނަށް ދުވާލުގެ ވަގުތުގައި ގިނަ މަސައްކަތްތަކެއް ވެއެވެ. إِنَّ لَكَ فِي اَلنَّهَارِ سَبْحًا طَوِيلًا
8 ކަލޭގެފާނުގެ ވެރިރަސްކަލާނގެ اسم ފުޅު ހަނދުމަކުރައްވާށެވެ! އަދި (އެހެންހުރިހާ ފަރާތަކުން އެއްކިބާވެ، ހަމައެކަނި) އެކަލާނގެ حضرة އަށް إخلاص ތެރިކަމާއެކު ކުއްތަންވެވަޑައިގަންނަވާށެވެ! وَاذْكُرِ اسْمَ رَبِّكَ وَتَبَتَّلْ إِلَيْهِ تَبْتِيلًا
9 (އެއީ) مشرق އާއި، مغرب ގެ ވެރިރަސްކަލާނގެއެވެ. އެކަލާނގެ ފިޔަވައި އެހެން إله އަކު ނުވެއެވެ. ފަހެ، وكيل އަކު ކަމުގައި ކަލޭގެފާނު އެކަލާނގެ خيار ކުރައްވާށެވެ! رَبُّ الْمَشْرِقِ وَالْمَغْرِبِ لَا إِلَهَ إِلَّا هُوَ فَاتَّخِذْهُ وَكِيلًا
10 އަދި އެއުރެން ބުނާ ބަސްތަކަށް ކަލޭގެފާނު ކެތްކުރައްވާށެވެ! އަދި ރިވެތިވެގެންވާ ވަކިވުމަކުން، ކަލޭގެފާނު އެއުރެންނާ ވަކިވެވަޑައިގަންނަވާށެވެ! وَاصْبِرْ عَلَى مَا يَقُولُونَ وَاهْجُرْهُمْ هَجْرًا جَمِيلًا
11 އަދި ފައިސާވެރި، ދޮގުކުރާމީހުން، ކަލޭގެފާނު ތިމަންރަސްކަލާނގެއަށް ދޫކޮށްލައްވާށެވެ! އަދި ކަލޭގެފާނު ކުޑަވަގުތުކޮޅަކަށް އެއުރެންނަށް مهلة ދެއްވާށެވެ! وَذَرْنِي وَالْمُكَذِّبِينَ أُولِي النَّعْمَةِ وَمَهِّلْهُمْ قَلِيلًا
12 ހަމަކަށަވަރުން، ތިމަންރަސްކަލާނގެ حضرة ގައި ކަސްތަޅުތަކާއި ނަރަކަވެއެވެ. إِنَّ لَدَيْنَا أَنكَالًا وَجَحِيمًا
13 އަދި ކަރުގައި އަޅައިގަންނަ ކާނާއާއި، ވޭންދެނިވި عذاب ވެސްމެއެވެ. وَطَعَامًا ذَا غُصَّةٍ وَعَذَابًا أَلِيمًا
14 އެދުވަހުން ބިމާއި، ފަރުބަދަތައް ހެލިގެންދާނެތެވެ. އަދި ފައިބައިގެންދާ ވެލިފުންޏަކަށް އެ ފަރުބަދަތައް ވާހުށްޓެވެ. يَوْمَ تَرْجُفُ الْأَرْضُ وَالْجِبَالُ وَكَانَتِ الْجِبَالُ كَثِيبًا مَّهِيلًا
15 ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް ހެކިވެވަޑައިގަންނަވާ ބޭކަލެއްކަމުގައި، ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ގާތަށް رسول އަކު ފޮނުއްވީމެވެ. فرعون ގެގާތަށް ތިމަންރަސްކަލާނގެ رسول އަކު ފޮނުއްވި ފަދައިންނެވެ. إِنَّا أَرْسَلْنَا إِلَيْكُمْ رَسُولًا شَاهِدًا عَلَيْكُمْ كَمَا أَرْسَلْنَا إِلَى فِرْعَوْنَ رَسُولًا
16 ފަހެ، فرعون، رسول އާއަށް އުރެދުނެވެ. ދެން ތިމަންރަސްކަލާނގެ ގަދަފަދަވެގެންވާ عذاب ގެ ހިއްޕެވުމަކުން ހިއްޕަވައި، އެ فرعون ހަލާކުކުރެއްވީމެވެ. فَعَصَى فِرْعَوْنُ الرَّسُولَ فَأَخَذْنَاهُ أَخْذًا وَبِيلًا
17 ފަހެ، ތިޔަބައިމީހުން كافر ވެއްޖެނަމަ (އެދުވަހުގެ ބިރުވެރިކަމުން) ކުޑަކުދިން މުސްކުޅިންނަށް ހަދައިލާ ދުވަހުން (އެބަހީ: އެދުވަހުގެ عذاب ން) ތިޔަބައިމީހުން ރައްކާތެރިވާނީ ކޮންފަދައަކުން ހެއްޔެވެ؟ فَكَيْفَ تَتَّقُونَ إِن كَفَرْتُمْ يَوْمًا يَجْعَلُ الْوِلْدَانَ شِيبًا
18 އެދުވަހުން އުޑު އިރައިރައިގެން ދާނެތެވެ. އެކަލާނގެ وعد ފުޅު ފުރިހަމަވާނެކަން يقين އެވެ. السَّمَاء مُنفَطِرٌ بِهِ كَانَ وَعْدُهُ مَفْعُولًا
19 ހަމަކަށަވަރުން، މިއީ ހަނދާންކޮށްދިނުމެކެވެ. ފަހެ، (ހަނދާންކުރުމަށް) އެދޭމީހާ، އެމީހާގެ ވެރިރަސްކަލާނގެ حضرة އަށް މަގެއް ހިފާހުށިކަމެވެ! إِنَّ هَذِهِ تَذْكِرَةٌ فَمَن شَاء اتَّخَذَ إِلَى رَبِّهِ سَبِيلًا
20 ކަލޭގެފާނާއި، ކަލޭގެފާނުގެ އަރިހުގައިވާ މީހުންކުރެ ބަޔަކު، ރޭގަނޑުގެ ތިންބައިކުޅަ ދެބަޔަށްވުރެ މަދުންނާއި، އެ ރޭގަނޑުގެ ދެބައިކުޅަ އެއްބައިގައާއި، އަދި އެ ރޭގަނޑުގެ ތިންބައިކުޅަ އެއްބައިގައި، ރޭއަޅުކަން ކުރެއްވުމަށް ތިއްބަވާކަން ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި ރޭގަނޑާއި، ދުވާލުގެ ވަގުތުތައް މިންވަރު ކުރައްވަނީ اللَّه އެވެ. މުޅި ރޭގަނޑު، ރޭއަޅުކަމުގައި قائم ވެ ތިބުމަށް ތިޔަބައިމީހުންނަށް ކުޅަދާނަވެގެން ނުވާނެކަން އެކަލާނގެ ދެނެވޮޑިގެންވެތެވެ. ފަހެ، ތިޔަބައިމީހުންގެ މައްޗަށް އެކަން عفو ކުރައްވައި ލުއިކުރައްވައިފިއެވެ. ފަހެ، قرآن ން ފަސޭހަވީ މިންވަރެއް ތިޔަބައިމީހުން ކިޔަވާށެވެ! ތިޔަބައިމީހުންގެ ތެރެއިން ބަލިމީހުން ވާނޭކަމާއި، އަދި އަނެއްބަޔަކު اللَّه ގެ فضل ވަންތަކަން އެދިގެން ބިމުގައި ދަތުރުފަތުރުކުރާކަމާއި، އަދި އަނެއްބަޔަކު اللَّه ގެ މަގުގައި ހަނގުރާމަ ކުރާކަން އެކަލާނގެ ދެނެވޮޑިގެންވެތެވެ. ފަހެ، އެ قرآن ން ފަސޭހަވީ މިންވަރެއް ތިޔަބައިމީހުން ކިޔަވާށެވެ! އަދި ތިޔަބައިމީހުން ނަމާދު قائم ކުރާށެވެ! އަދި ތިޔަބައިމީހުން زكاة ދޭށެވެ! އަދި ރިވެތިވެގެންވާ ދަރަނިދިނުމަކުން ތިޔަބައިމީހުން اللَّه އަށް ދަރަނިދޭށެވެ! (އެބަހީ: اللَّه އަށްޓަކައި ހޭދަކުރާށެވެ!) އަދި ހެޔޮކަމުގެ ތެރެއިން، ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށްޓަކައި އިސްކުރާ ކޮންމެ ކަމެއްގެ ثواب، اللَّه ގެ حضرة ގައި ހެޔޮކަން ބޮޑުވެގެންވާތީއާއި، އަދި ދަރުމަ ބޮޑުވެގެންވާތީ ތިޔަބައިމީހުންނަށް ފެންނާނެތެވެ. އަދި ތިޔަބައިމީހުން اللَّه ގެ حضرة ން ފާފަފުއްސެވުމަށް އެދޭށެވެ! ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ. إِنَّ رَبَّكَ يَعْلَمُ أَنَّكَ تَقُومُ أَدْنَى مِن ثُلُثَيِ اللَّيْلِ وَنِصْفَهُ وَثُلُثَهُ وَطَائِفَةٌ مِّنَ الَّذِينَ مَعَكَ وَاللَّهُ يُقَدِّرُ اللَّيْلَ وَالنَّهَارَ عَلِمَ أَن لَّن تُحْصُوهُ فَتَابَ عَلَيْكُمْ فَاقْرَؤُوا مَا تَيَسَّرَ مِنَ الْقُرْآنِ عَلِمَ أَن سَيَكُونُ مِنكُم مَّرْضَى وَآخَرُونَ يَضْرِبُونَ فِي الْأَرْضِ يَبْتَغُونَ مِن فَضْلِ اللَّهِ وَآخَرُونَ يُقَاتِلُونَ فِي سَبِيلِ اللَّهِ فَاقْرَؤُوا مَا تَيَسَّرَ مِنْهُ وَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ وَأَقْرِضُوا اللَّهَ قَرْضًا حَسَنًا وَمَا تُقَدِّمُوا لِأَنفُسِكُم مِّنْ خَيْرٍ تَجِدُوهُ عِندَ اللَّهِ هُوَ خَيْرًا وَأَعْظَمَ أَجْرًا وَاسْتَغْفِرُوا اللَّهَ إِنَّ اللَّهَ غَفُورٌ رَّحِيمٌ
;