As-Sajda

Change Language
Change Surah
Change Recitation

Divehi: Office of the President of Maldives

Play All
# Translation Ayah
1 ا ل م (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.) الم
2 މިއީ عالم ތަކުގެ ވެރިރަސްކަލާނގެ حضرة ން ބާވައިލެއްވި ފޮތެވެ. އެއާމެދު شك އެއް ނެތެވެ. تَنزِيلُ الْكِتَابِ لَا رَيْبَ فِيهِ مِن رَّبِّ الْعَالَمِينَ
3 ނުވަތަ އެކަލޭގެފާނު އަމިއްލަފުޅަށް އެ قرآن ހެއްދެވިކަމަށް އެއުރެން ބުނަނީ ހެއްޔެވެ؟ އަދި ކިއެއްތަ! އެއީ ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން އައި حق ފޮތެވެ. އެއީ ކަލޭގެފާނުގެ ކުރިން އެބަޔަކަށް إنذار ކުރައްވާނޭ رسول އަކު ވަޑައިނުގަންނަވާ قوم އެއްގެ ބަޔަކަށް ކަލޭގެފާނު إنذار ކުރެއްވުމަށްޓަކައެވެ. (އެއީ) އެއުރެން ތެދުމަގު ލިބިގަތުމަށްޓަކައެވެ. أَمْ يَقُولُونَ افْتَرَاهُ بَلْ هُوَ الْحَقُّ مِن رَّبِّكَ لِتُنذِرَ قَوْمًا مَّا أَتَاهُم مِّن نَّذِيرٍ مِّن قَبْلِكَ لَعَلَّهُمْ يَهْتَدُونَ
4 اللَّه އީ، އުޑުތަކާއި، ބިމާއި، އެދެމެދުގައި ވާހާ ތަކެތި ހަދުވަހުގެ ތެރޭގައި ހެއްދެވި ރަސްކަލާނގެއެވެ. ދެން عرش ގެ މައްޗަށް އެކަލާނގެ استواء ވެ ވޮޑިގެންނެވިއެވެ. އެކަލާނގެ ފިޔަވައި ތިޔަބައިމީހުންނަށް އެހީތެރިވާނޭ ފަރާތެއް، އަދި شفاعة ތެރިވާނޭ ފަރާތެއްވެސް ނުވެތެވެ. ފަހެ، ތިޔަބައިމީހުން ހަނދުމަ ނުކުރަނީ ހެއްޔެވެ؟ اللَّهُ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ وَمَا بَيْنَهُمَا فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَى عَلَى الْعَرْشِ مَا لَكُم مِّن دُونِهِ مِن وَلِيٍّ وَلَا شَفِيعٍ أَفَلَا تَتَذَكَّرُونَ
5 އުޑުން ފެށިގެން ބިމާ ހަމަޔަށް ހުރިހާ ކަމެއް އެކަލާނގެ تدبير ކުރައްވަތެވެ. ދެން ތިޔަބައިމީހުން ގުނާގޮތުން އެއްހާސް އަހަރުގެ މިންވަރުގެ ދުވަހެއްގައި، އެހުރިހާ ކަމެއް އެކަލާނގެ حضرة އަށް އަރައިގެންދެއެވެ. يُدَبِّرُ الْأَمْرَ مِنَ السَّمَاء إِلَى الْأَرْضِ ثُمَّ يَعْرُجُ إِلَيْهِ فِي يَوْمٍ كَانَ مِقْدَارُهُ أَلْفَ سَنَةٍ مِّمَّا تَعُدُّونَ
6 އެކަލާނގެއީ، ނުފެންނަ ކަންތަކާއި، ފެންނަ ކަންތައް ދެނެވޮޑިގެންވާ، عزيز ވަންތަ، رحيم ވަންތަ ރަސްކަލާނގެއެވެ. ذَلِكَ عَالِمُ الْغَيْبِ وَالشَّهَادَةِ الْعَزِيزُ الرَّحِيمُ
7 އެކަލާނގެއީ، ހުރިހާ އެއްޗެއް ފުރިހަމަ ސިފައިގައި ހެއްދެވި ރަސްކަލާނގެއެވެ. އަދި އެކަލާނގެ އިންސާނާ ހެއްދެވުން ފެއްޓެވީ މަށިންނެވެ. الَّذِي أَحْسَنَ كُلَّ شَيْءٍ خَلَقَهُ وَبَدَأَ خَلْقَ الْإِنسَانِ مِن طِينٍ
8 ދެން އެކަލާނގެ އެ އިންސާނާގެ ދަރިފަސްކޮޅު ދެރަވެގެންވާ ފެނެއްގެ خلاصة އަކުން ހެއްދެވިއެވެ. ثُمَّ جَعَلَ نَسْلَهُ مِن سُلَالَةٍ مِّن مَّاء مَّهِينٍ
9 ދެން އޭނާޔަށް ފުރިހަމަ ސިފަ ދެއްވައި، އެކަލާނގެ روح ފުޅުން އޭނާޔަށް ފުމެލެއްވިއެވެ. (އެބަހީ: ފުރާނަ އެޅުއްވިއެވެ.) އަދި އެކަލާނގެ ތިޔަބައިމީހުންނަށް އިވުމާއި، ފެނުމާއި، ހިތްތައް ލެއްވިއެވެ. ތިޔަބައިމީހުން شكر ކުރަނީ ވަރަށްވެސް މަދުންނެވެ. ثُمَّ سَوَّاهُ وَنَفَخَ فِيهِ مِن رُّوحِهِ وَجَعَلَ لَكُمُ السَّمْعَ وَالْأَبْصَارَ وَالْأَفْئِدَةَ قَلِيلًا مَّا تَشْكُرُونَ
10 އެއުރެން ބުނޫއެވެ. ތިމަންމެން (މަރުވެ) ބިމުގެ ތެރޭގައި (ވެއްޔަށްވެ) ފޮރުވުނީމާ، އަލުން އާ އުފެދުމަކުން އުފެދޭނޭ ހެއްޔެވެ؟ އަދި ކީއްހެއްޔެވެ؟ އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެއާ ބައްދަލުވާނެކަމަށް ދެކޮޅު ހަދާ ބަޔެކެވެ. وَقَالُوا أَئِذَا ضَلَلْنَا فِي الْأَرْضِ أَئِنَّا لَفِي خَلْقٍ جَدِيدٍ بَلْ هُم بِلِقَاء رَبِّهِمْ كَافِرُونَ
11 ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ މަރުހިއްޕެވުން حوال ކުރައްވާފައިވާ ملك الموت ތިޔަބައިމީހުންގެ މަރު ހިއްޕަވާނެތެވެ. ދެން ތިޔަބައިމީހުން رجوع ކުރައްވާހުށީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة އަށެވެ. قُلْ يَتَوَفَّاكُم مَّلَكُ الْمَوْتِ الَّذِي وُكِّلَ بِكُمْ ثُمَّ إِلَى رَبِّكُمْ تُرْجَعُونَ
12 އަދި ފާފަކުރި މީހުން، އެއުރެންގެ ވެރިރަސްކަލާނގެ حضرة ގައި، ދެރަވެ އިސްޖަހައިގެން ތިބޭތަން ތިބާޔަށް ފެންނާނެ ނަމައެވެ. (އޭރުން حيران ވާފަދަ ކަންތައްތަކެއް ތިބާޔަށް ފެނުނީހެވެ. އެއުރެން ބުނާނެތެވެ.) އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް ފެނިއްޖެއެވެ. އަދި އިވިއްޖެއެވެ. ފަހެ، އަޅަމެން صالح عمل ކުރުމަށް އަނބުރާ އަޅަމެން (ދުނިޔެއަށް) ފޮނުއްވާނދޭވެ! ހަމަކަށަވަރުން، އަޅަމެންނީ، يقين ކުރާ ބަޔަކީމުއެވެ. وَلَوْ تَرَى إِذِ الْمُجْرِمُونَ نَاكِسُو رُؤُوسِهِمْ عِندَ رَبِّهِمْ رَبَّنَا أَبْصَرْنَا وَسَمِعْنَا فَارْجِعْنَا نَعْمَلْ صَالِحًا إِنَّا مُوقِنُونَ
13 އަދި ތިމަންރަސްކަލާނގެ އިރާދަކުރެއްވިނަމަ، ކޮންމެ نفس އަކަށްމެ އެ نفس އެއްގެ هداية ދެއްވީމުހެވެ. އެހެނެއްކަމަކު (ފާފަކުރާ) ޖިންނީންނާއި އިންސީން އެއްކޮށް، ހަމަކަށަވަރުން، ނަރަކަ ފުރުއްވާނޭކަމުގެ ބަސްފުޅު ތިމަންރަސްކަލާނގެ حضرة ން އިސްވެގޮސްފައިވެއެވެ. وَلَوْ شِئْنَا لَآتَيْنَا كُلَّ نَفْسٍ هُدَاهَا وَلَكِنْ حَقَّ الْقَوْلُ مِنِّي لَأَمْلَأَنَّ جَهَنَّمَ مِنَ الْجِنَّةِ وَالنَّاسِ أَجْمَعِينَ
14 ފަހެ، ތިޔަބައިމީހުންގެ މިދުވަހާ ބައްދަލުވާނޭކަން ތިޔަބައިމީހުން ހަނދާން ނައްތައިލި ކަމަށްޓަކައި، ތިޔަބައިމީހުން عذاب ގެ ރަހަ ލިބިގަންނާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ މަތިން ހަނދުމަނެތި ކުރައްވައިފީމެވެ. އަދި ތިޔަބައިމީހުން ކޮށްއުޅުނު عمل ތަކަށްޓަކައި ދެމިހުންނަނިވި عذاب ގެ ރަހަ، ތިޔަބައިމީހުން ލިބިގަންނާށެވެ! فَذُوقُوا بِمَا نَسِيتُمْ لِقَاء يَوْمِكُمْ هَذَا إِنَّا نَسِينَاكُمْ وَذُوقُوا عَذَابَ الْخُلْدِ بِمَا كُنتُمْ تَعْمَلُونَ
15 ތިމަންރަސްކަލާނގެ آية ތަކަށް إيمان ވާކަން ކަށަވަރީ، އެ آية ތައް އެބަޔަކަށް ހަނދާންކޮށްދެވޭހިނދު، سجدة އަށް ތިރިވެ، އެއުރެންގެ ވެރިރަސްކަލާނގެއަށް حمد އާއެކު تسبيح ކިޔާ މީހުންނެވެ. އަދި އެއުރެން كبر ވެރިއެއް ނުވާނެތެވެ. إِنَّمَا يُؤْمِنُ بِآيَاتِنَا الَّذِينَ إِذَا ذُكِّرُوا بِهَا خَرُّوا سُجَّدًا وَسَبَّحُوا بِحَمْدِ رَبِّهِمْ وَهُمْ لَا يَسْتَكْبِرُونَ
16 އެއުރެންގެ ވެރިރަސްކަލާނގެ حضرة އަށް ބިރުވެތިކަމާއި އުންމީދާއެކު دعاء ކުރާ حال، އެއުރެންގެ އަރިކަށިތައް (ރޭއަޅުކަންކުރުމަށްޓަކައި) ތަންމަތިތަކާ ފޭވެއެވެ. އަދި ތިމަންރަސްކަލާނގެ، އެއުރެންނަށް ދެއްވި ތަކެތީން، އެއުރެން ހޭދަކުރެތެވެ. تَتَجَافَى جُنُوبُهُمْ عَنِ الْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفًا وَطَمَعًا وَمِمَّا رَزَقْنَاهُمْ يُنفِقُونَ
17 ފަހެ، އެއުރެންނަށްޓަކައި ފޮރުއްވާފައިވާ ލޮލުގެ ފިނިކަން (އެބަހީ: ލޮލަށް ފިނިކަންދެނިވި، ސުވަރުގޭގެ نعمة ތައް) އެއްވެސް نفس އަކަށް ނޭނގޭނެތެވެ. (އެއީ) އެއުރެން ކޮށްއުޅުނު عمل ތަކުގެ ޖަޒާއެއް ކަމުގައެވެ. فَلَا تَعْلَمُ نَفْسٌ مَّا أُخْفِيَ لَهُم مِّن قُرَّةِ أَعْيُنٍ جَزَاء بِمَا كَانُوا يَعْمَلُونَ
18 ފަހެ، مؤمن އަކު ކަމުގައިވާ މީހާއާއި (އުރެދޭ) فاسق އަކު ކަމުގައިވާ މީހާ އެއްފަދަހެއްޔެވެ؟ އެ ދެބައިމީހުން އެއްވަރެއް ނުވާނެތެވެ. أَفَمَن كَانَ مُؤْمِنًا كَمَن كَانَ فَاسِقًا لَّا يَسْتَوُونَ
19 إيمان ވެ صالح عمل ތައް ކުޅަ މީހުން ދަންނާށެވެ! ފަހެ، އެއުރެން ކޮށްއުޅުނު عمل ތަކަށްޓަކައި، ދެއްވާ شرف އެއްގެ ގޮތުން، އެއުރެންނަށް ދެމިތިބޭނޭ ސުވަރުގެތައް ހުށްޓެވެ. أَمَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ فَلَهُمْ جَنَّاتُ الْمَأْوَى نُزُلًا بِمَا كَانُوا يَعْمَلُونَ
20 އަދި (كافر ވެ) فاسق ވި މީހުން ދަންނާށެވެ! ފަހެ، އެއުރެން ތިބެނިވިތަނަކީ ނަރަކައެވެ. އެއުރެން އެތަނުން ނުކުންނަން އުޅެފި ކޮންމެ ފަހަރަކު، އެތަނަށް އެއުރެން އަނބުރާ إعادة ކުރައްވާނެތެވެ. އަދި އެއުރެންނަށް އަންގަވާނެތެވެ. ތިޔަބައިމީހުން ދޮގުކޮށް އުޅުނު ނަރަކައިގެ عذاب ގެ ރަހަ، ތިޔަބައިމީހުން ލިބިގަންނާށެވެ! وَأَمَّا الَّذِينَ فَسَقُوا فَمَأْوَاهُمُ النَّارُ كُلَّمَا أَرَادُوا أَن يَخْرُجُوا مِنْهَا أُعِيدُوا فِيهَا وَقِيلَ لَهُمْ ذُوقُوا عَذَابَ النَّارِ الَّذِي كُنتُم بِهِ تُكَذِّبُونَ
21 އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެންމެބޮޑު عذاب (އެބަހީ: ނަރަކައިގެ عذاب) ފިޔަވައި ލުއި عذاب ން (އެބަހީ: ދުނިޔެމަތީގެ عذاب ން) އެއުރެންނަށް ރަހަ ދައްކަވާހުށީމެވެ. (އެއީ) އެއުރެން (إيمان ކަމަށް) رجوع ވުމަށްޓަކައެވެ. وَلَنُذِيقَنَّهُمْ مِنَ الْعَذَابِ الْأَدْنَى دُونَ الْعَذَابِ الْأَكْبَرِ لَعَلَّهُمْ يَرْجِعُونَ
22 އެމީހެއްގެ ވެރިރަސްކަލާނގެ آية ތަކުން އެމީހަކަށް ހަނދާންކޮށްދެއްވުމުން، ދެން އެ آية ތަކަށް ފުރަގަސްދީ އެނބުރިގަތް މީހަކަށްވުރެން އަނިޔާވެރިކަން ބޮޑީ ކާކުހެއްޔެވެ؟ ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ކުށްވެރިންގެ ކިބައިން ބަދަލުހިއްޕަވާހުށީމެވެ. وَمَنْ أَظْلَمُ مِمَّن ذُكِّرَ بِآيَاتِ رَبِّهِ ثُمَّ أَعْرَضَ عَنْهَا إِنَّا مِنَ الْمُجْرِمِينَ مُنتَقِمُونَ
23 ހަމަކަށަވަރުން، ތިމަންރަސްކަލާނގެ موسى ގެފާނަށް ފޮތް ދެއްވީމެވެ. ފަހެ، އެކަލޭގެފާނަށް އެ ފޮތް ލިބިވަޑައިގަތްކަމާމެދު ކަލޭގެފާނު شك ކަމެއްގައި ވެވަޑައިނުގަންނަވާށެވެ! އަދި إسرآءيل ގެދަރިންނަށް هداية އެއް ކަމުގައި ތިމަންރަސްކަލާނގެ އެ ފޮތް ލެއްވީމެވެ. وَلَقَدْ آتَيْنَا مُوسَى الْكِتَابَ فَلَا تَكُن فِي مِرْيَةٍ مِّن لِّقَائِهِ وَجَعَلْنَاهُ هُدًى لِّبَنِي إِسْرَائِيلَ
24 އަދި އެއުރެން ކެތްތެރިވީހިނދު، ތިމަންރަސްކަލާނގެ أمر ފުޅަށް ތެދުމަގު ދައްކަވާ إمام ންތަކެއް ތިމަންރަސްކަލާނގެ އެއުރެންގެ ތެރެއިން ލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ آية ތަކާމެދު يقين ކުރާ ކަމުގައި އެއުރެން ވޫއެވެ. وَجَعَلْنَا مِنْهُمْ أَئِمَّةً يَهْدُونَ بِأَمْرِنَا لَمَّا صَبَرُوا وَكَانُوا بِآيَاتِنَا يُوقِنُونَ
25 ހަމަކަށަވަރުން، އެއުރެން خلاف ވެގެން އުޅުނު ކަންތައްތަކާމެދު، قيامة ދުވަހުން ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެއުރެންގެ މެދުގައި ނިޔާކަނޑައަޅުއްވާނެތެވެ. إِنَّ رَبَّكَ هُوَ يَفْصِلُ بَيْنَهُمْ يَوْمَ الْقِيَامَةِ فِيمَا كَانُوا فِيهِ يَخْتَلِفُونَ
26 އަދި އެއުރެންގެ ކުރިން ތިމަންރަސްކަލާނގެ ކިތައްކިތައް أمّة ހަލާކުކުރެއްވިކަން އެއުރެންނަށް بيان ވެގެން ނުވޭހެއްޔެވެ؟ އެއުރެންގެ ގޮވަތިގެދޮރުހުރި ތަންތާނގައި އެއުރެން ހިނގަހިނގާއުޅޭ حال ގައެވެ. ހަމަކަށަވަރުން، އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ. ފަހެ، އެއުރެން އަޑުނާހަނީ ހެއްޔެވެ؟ أَوَلَمْ يَهْدِ لَهُمْ كَمْ أَهْلَكْنَا مِن قَبْلِهِم مِّنَ الْقُرُونِ يَمْشُونَ فِي مَسَاكِنِهِمْ إِنَّ فِي ذَلِكَ لَآيَاتٍ أَفَلَا يَسْمَعُونَ
27 އަދި ގަހެއް ރުކެއް ނެތް ހިކި ބިމަށް، ތިމަންރަސްކަލާނގެ ފެން ފޮނުއްވައި، އެއިން އެއުރެންގެ ޖަނަވާރުތަކާއި خود އެއުރެން ކައިއުޅޭ ގަސްގަހާގެހި ނެރުއްވާކަން އެއުރެންނަށް ނޭނގެނީހެއްޔެވެ؟ (އެކަލާނގެ ކުޅަދުންވަންތަކަން) އެއުރެންނަށް ނުފެންނަނީ ހެއްޔެވެ؟ أَوَلَمْ يَرَوْا أَنَّا نَسُوقُ الْمَاء إِلَى الْأَرْضِ الْجُرُزِ فَنُخْرِجُ بِهِ زَرْعًا تَأْكُلُ مِنْهُ أَنْعَامُهُمْ وَأَنفُسُهُمْ أَفَلَا يُبْصِرُونَ
28 އެއުރެން ބުނެތެވެ. ތިޔަބައިމީހުންނީ، ތެދުބުނާމީހުން ކަމުގައި ވަނީނަމަ، ތިޔަ فيصلة ވާނީ ކޮންއިރަކުން ހެއްޔެވެ؟ وَيَقُولُونَ مَتَى هَذَا الْفَتْحُ إِن كُنتُمْ صَادِقِينَ
29 ކަލޭގެފާނު ވިދާޅުވާށެވެ! ނިޔާ އިއްވަވާ ދުވަހު (އެބަހީ: قيامة ދުވަހުން) كافر ވި މީހުންނަކަށް އެއުރެން إيمان ވުމަކުން މަންފާއެއް ނުކުރާނެތެވެ. އަދި އެއުރެންނަކަށް مهلة އެއްވެސް ނުމެދެއްވާނޭމެއެވެ. قُلْ يَوْمَ الْفَتْحِ لَا يَنفَعُ الَّذِينَ كَفَرُوا إِيمَانُهُمْ وَلَا هُمْ يُنظَرُونَ
30 ފަހެ، ކަލޭގެފާނު އެއުރެންނާ އެއްކިބާވެވަޑައިގަންނަވާށެވެ! އަދި ކަލޭގެފާނު انتظار ކުރައްވާށެވެ! ހަމަކަށަވަރުން، އެއުރެންވެސް انتظار ކުރެތެވެ. فَأَعْرِضْ عَنْهُمْ وَانتَظِرْ إِنَّهُم مُّنتَظِرُونَ
;